އެސް އެސް ސީ
ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމާ މެދު އަޅުގަނޑު ދެކޭގޮތް
ދެކޭގޮތް ހާމަކުރާ ލިޔުން
ކިޔުމުގެ އަކުރު
ވަަޠަނީ ޚިދުމަތުގެ ޕްރޮގުރާމަކީ ވީދި ހަފުސްވަމުންދިޔަ ޤައުމިއްޔަތުގެ ފޭރާމުގައި ފަށުވި ބަރަނިން ޖަހައިލެވުނު ވަރުގަދަ ފައްޗެކެވެ. މި ފަތީގެ ޒަރިއްޔާއިން ޤައުމު އެދޭ އެދުންތަކަށް އިޙުތިރާމުކޮށް، ޤައުމަށް ޓަކައި ހޭހަންކުރާނެ ދަރީން އުފަންކުރުވުމަށް މަގުފަހިވާނެކަމަށް ދެކެމެވެ. ޤައުމީ ޚިދުމަތުގެ ޕްރޮގުރާމަކީ ދިވެހި އަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ގުޅެން ބޭނުންވާ، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ތަމުރީނު ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމު ފުރިހަމަކުރާ ކޮންމެ ކުއްޖަކީ ދިވެހިވަންތަ ސިފަތަކާއި ދިވެހިއްޔަތަށް ލޯބިކުރާނެ ޒުވާނަކަށްވާނެ ކަމަށް ވެސް ޤަބޫލުކުރެވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމަކީ ދިވެހި ޤައުމަށް ނުހަނު ބޭނުންތެރި މުހިންމު ޕްރޮގުރާމެކެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމަށް އަޅުގަނޑަށް ތާއީދުކުރެވެނީ އެ ޕްރޮގުރާމުގެ ޒަރިއްޔާއިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ކަށަވަރުވާނެތީއެވެ. ސަބަބަކީ، ޤައުމީ ޚިދުމަތުގެ ޕްރޮގުރާމަށް އައްޔަންކުރަނީ ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ގުޅެން ބޭނުންވާ ޒުވާނުންނަށް ކަމަށްވާތީއެވެ. ޤައުމީ ޚިދުމަތުގެ ޕްރޮގުރާމަކީ 16 އަހަރުން މަތީގެ ޒުވާނުންނަށް ޚާއްޞަ ޕްރޮގުރާމަކަށްވާތީ 18 އަހަރު ނުފުރޭތީ ސިފައިން ނުވަތަ ފުލުހުންގެ ޚިދުމަތަށް ނުވަދެވި ތިބޭކަށް ނުޖެހޭނެއެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވުމަށް ތައުލީމީ ގޮތުން މަތީ ފާސްތަކެއް ލިބިފައިވާކަށް މަޖުބޫރެއް ވެސް ނުވެއެވެ. މި ޕްރޮގުރާމުގައި ކަނޑައަޅައިފައިވާ ތަމުރީނުތައް ފުރިހަމަކޮށް ނިމުމުން އެ ދަރިވަރަކު އިހުތިޔާރުކުރާ ދާއިރާއިން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެއެވެ. ހަމައެހެންމެ، މި ޕްރޮގުރާމުގައި ރަޖިސްޓަރީވާ ދުވަހުން ފެށިގެން އެލަވަންސް ލިބެމުންދާނެ ކަމަށް އެ ހަރަކާތް އިންތިޒާމުކުރައްވާ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. މިއީ، ޒުވާނުންނަށް ވަޒީފާ ހޯދުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ޤަބޫލުކުރެވެއެވެ.ޤައުމަށް ފައިދާ ހުރި ޒުވާން ޖީލެއް ބިނާވުމަކީ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމުން ލިބޭނެ އެންމެ ފޮނި މޭވާ ކަމުގައި އަޅުގަނޑަށް ވިސްނެއެވެ. މި ޕްރޮގުރާމުގެ ޒަރިއްޔާއިން ސިފައިންގެ ޚިދުމަތަށް 4000 ޒުވާނުންނަށް އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް 1000 ޒުވާނުންނަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، މި ޕްރޮގުރާމުގެ ޒަރިއްޔާއިން ބައިވެރީން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވާނެއެވެ. ހަމައެހެންމެ، ޤައުމިއްޔަތާ ގުޅުންހުރި މުހިއްމު ހަރަކާތްތައް އެބައިވެރިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދެވޭނެއެވެ. ވީމާ، ޤައުމީ ޚިދުމަތަށް ޒުވާނުން އަހުލުވެރިވުމަކީ މި ޕްރޮގުރާމުގެ ޒަރިއްޔާއިން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ޤަބޫލުކުރެވެއެވެ.
ކުށުގެ ވެށިން ފެންނަ ޒުވާނުންގެ އަދަދު މަދުވުކީ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމާ މެދު އަޅުގަނޑަށް ތާއީދުކުރެވޭ ސަބަބެކެވެ. އާންމު ގޮތެއްގައި ކުށުގެ ވެށްޓަށް ޒުވާނުން ހުށަހޮޅެނީ ޒިންމާދާރު މަސައްކަތެއްގައި ޝާމިލުނުވެވި ލިބޭ ހުސްވަގުތު އިތުރުވުމުންނެވެ. ޒުވާނުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމުން ވަޒީފާއެއް އަދާނުކުރާ ނުވަތަ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ނެތް، ދިވެހި ކޮންމެ ޒުވާނަކަށް އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ސަބަބުން ކުށުގެ ވެށްޓަށް ދާން އޮންނަ މަގު ހަނިވާނެއެވެ. ކަންމިހެން ހުރުމުން، މި ޕްރޮގުރާމުވެގެންދާނީ ކުށުގެ ވެށިން ޒުވާނުން ދުރުހެލިކުރުވުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ކަމުގައި ޤަބޫލުކުރެވެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމުގެ ޒަރިއްޔާއިން ޤައުމީ ކަންބޮޑުވުންތަކަށް ތަސައްލީއެއް ގެނެސްދޭނެ ޖީލެއް އުފަންވާނެކަމަށް ޤަބޫލުކުރެވެއެވެ. މި ކަމުގެ ސަބަބުން ޤައުމީ އުދާސްތަކާއި އާދޭސްތަކަށް އީޖާބީ ހައްލެއް ގެނެސްދޭނެ ޒުވާން ޖީލެއް އުފަންވާނެ ކަމަށް ވިސްނެއެވެ. މުޙައްމަދު ތަކުރުފާނުގެ މޮޓޯއަށް އިޙުތިރާމުކުރާ، ޙުސައިން އާދަމްގެ ލެއިން ޖޯޝް އާލާކުރާ، ދަންޑަހެލުގެ ބުންވަރުން ހިތްވަރު ހޯދާ، އަލިރަސްގެފާނުގެ ސާބިތުކަމުން ޤައުމީ ރޫޙް އާލާކުރުމުގެ ކަމަރު ބަންނާނެ ފަހުލަވާނުން އުފެދޭނެ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންމެ، ވީދި ހަފުސްވަމުންދާ އިޖުތިމާއީ ފޭރާން އަލުން ވިޔާނެ އަތްތަކެއް އުފަންވާނެ ކަމަށް ޤަބޫލުކުރެވެއެވެ. މި ހަރަކާތުން އުފަންވާ ކޮންމެ ޒުވާނަކީ ޤައުމީ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މަދަދުގާރުންނަށް ވާނެ ކަމަށް އުންމީދުކުރެވެއެވެ.
ސްކޫލު ދައުރު ނިންމައި މުޖުތަމައަށް ނުކުންނަ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމުން ޒުވާނުންނަށް އެތައް މަންފާއެއް ލިބޭނެ ކަމަށް ޤަބޫލުކުރެވެއެވެ. މި ޕްރޮގުރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކަށް ވެސް ވަޒީފާގެ ފުރުސަތު ފަހިވާނެއެވެ. އެހެންމެ، މި ހަރަކާތުގެ ސަަބަބުން ޤައުމަށް ފައިދާ ހުރި ޒުވާން ޖީލެއް އުފަންވުމަށް މަގުފަހިވާނެއެވެ. މީގެއިތުރުން، މި ޕްރޮގުރާމުގެ ސަބަބުން ކުށުގެ ވެށިން ޒުވާނުން ދުރުކުރުވުމަށް އެހީތެރިވެވޭނެ ކަމަށް ޤަބޫލުކުރެވެއެވެ. ހަމައެހެންމެ، ޤައުމީ އާދޭސްތަކަށް ހޭހަންކުރާނެ ސިކުނޑިތަކެއް އުފަންވާނެއެވެ. ވީމާ، ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމަކީ ޤައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދީ ޒުވާނުން ބާރުވެރިވުމަށް ކޮށުނު އަލިމަގެއް ކަމުގައި ޤަބޫލުކުރެވެއެވެ.
ޚިޔާލުތައް ( 0)
ޚިޔާލު ހުށަހަޅާ
ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.